އާއްމުކޮށް އުފެދޭ ސުވާލުތައް

ޢާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބައި : ޢާއްމުކޮށް އުފެދޭ ސުވާލުތައް

 

ދެމަފިރިންގެ މައްސަލަތަކާއި ދަރިންގެ މައްސަލަތަކަކީ، ޢާއިލީ އެހެނިހެން މައްސަލަތަކާއި ޚިލާފު، ތަފާތު މައްސަލަތަކެކެވެ. ޚާއްޞަކޮށް ދެމަފިރިން ވަކިވުމަށްއެދޭ މައްސަލަތަކާއި ދަރިންގެ މައްސަލަތަކަކީ ނުހަނު ޙައްސާސްކަންބޮޑު ވަރަށް ޢާޠިފީ މައްސަލަތަކެކެވެ.ޤަބޫލުކުރާންޖެހޭ ޙަޤީޤަތަކީ މިފަދަ މައްސަލަތަކުގެ އިޖުރާއަތު ކުރިއަށްދާހިނދު، މައްސަލަ ހުށަހަޅާފަރާތާއި މައްސަލަ ރައްދުވާފަރާތަށްވެސް  ނުހަނު ފުން އިހްސާސްތަކަކާއި އަސަރުތަކެއްކުރުވާކަމެވެ. މިފަދަ މައްސަލަތައް ދިމާވުމުން އެ މައްސަލަތަކުގައި ދެފަރާތް އެއްބަސްވާ އަދި  އިންޞާފްވެރި ޙައްލެއް ހޯދުމަށްޓަކައި ކަންކުރާންވީގޮތާމެދު ބައެއް ފަރުދުންނަށް ސުވާލުއުފެދެއެވެ.

ވަރީގެ މައްސަލަތަކުގައި މައިގަނޑު ދެ ބައެއް ފާހަގަކުރެވެއެވެ. މިގޮތުން، ފުރަތަމަ ބަޔަކީ ސީދާ ވަރީގެ މައްސަލަތަކެވެ. ދެވަނަ ބަޔަކީ ވަރިއާގުޅިގެން އަންނަ އެހެނިހެންކަންތައްތަކެވެ. ވަރިކުރުމަށް ނުވަތަ ވަރިވުމަށްއެދި ހުށަހަޅާ މައެްސަލަތަކުގައި ސުލްޙަވެރި ޙައެްލެއް ހޯދުމަށް ކޯޓުން ވަރަށް ބޮަޑަށްބާރު އަޅައެވެ.އަދި މި ކަންކުރުމަކީ ޤާނޫނީގޮތުން ކޯޓަށް ލާޒިމްކުރާކަމެކެވެ. ވަރިއާގުޅުގެން އަންނަ އެހެނިހެން ކަންކަމަށް ބަލާލާއިރު އެކަންކަމުގެތެރޭގައި ހިމެނެނީ ދަރިންގެ ޙަޟާނަތާއި ދަރިންގެ ޚަރަދާއި ވަރިކުރި އަނބިމީހާއަށް ޚަރަދުދިނުމުގެ ކަންކަމެވެ.

ޢާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭބައިން، ޢާއިލާތައް ޙިމާޔަތްކޮށް ރައްކާތެރިކޮށްދިނުމުގައި، އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެނީީ ޢާއިލާތަކަށް ދިމާވާ މައްސަލަތައް ނުވަތަ ދެބަސްވުންތައް ޝަރީޢަތުގެ މަޖިލިހުންބޭރުގައި ޙައްލުކުރުމަށް އިސްކަމެއްދީގެންނެވެ. ތިރީގައި އެވަނީ ޢާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭބަޔާމެދު ޢާއްމުކޮށް ކުރެވޭ ސުވާލުތަކާއި އޭގެ ޖަވާބުތަކެވެ.

1.     ޢާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބައިގެ މައިގަނޑު މަސައްކަތަކީ ކޮބާތޯ؟

ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޢާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބަޔަށް ފޮނުވޭ އެންމެހާ މައްސަލަތަކުގައި، މައްސަލާގައި ހިމެނޭ ފަރާތްތަކަށް ޞުލްޙަވެރި ޙައްލެއް ހޯދާދިނުމަށް މަސައްކަތްކުރުމެވެ.

 

2.     ޢާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބައިން ކުރިއަށްގެންދާ މައްސަލަތަކަކީ ކޮބާތޯ؟

ޞުލްޙައަަށް އެދި ހުށަހަޅާ މައްސަލަތަކާއި ވަރިވުމަށް ނުވަތަ ވަރިކުރުމަށް އެދިހުށަހަޅާ މައްސަލަތަކުގެ އިތުރުން އެ މައްސަލައެއްގައި ހިމެނޭ ދެފަރާތުން ވާހަކަދައްކާ ޞުލްޙަވެރި ޙައްލަކަށް ވާޞިލްވެވިދާނެކަމަށް  ކޯޓަށް ފެންނަ މައްސަލަތައް ކުރިއަށް ގެންދާނީ ޢާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބައިންނެވެ.

3.     ޢާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބައިން މައްސަލަ ޙައްލުކުރުމުގައި ޢަމަލުކުރާގޮތަކީ ކޮބާތޯ؟

ޢާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭބައިން މައްސަލަ ޙައްލުކުރުމުގައި ޢަމަލުކުރާނީ ޢާއިލީ މައްސަލަތައް ޙައްލުކުރުމުގައި ޢަމަލުކުރާނޭގޮތުގެ ގަވާއިދުގައި ވާގޮތުގެމަތީން  މައްސަލާގައި ހިމެނޭ ފަރާތްތަކުން އެ މައްސަލައާމެދު ވަކިގޮތެއް ނިންމުމަށް މަގު ފަހިކޮށްދީ ދެފަރާތަށް ވެސް ވާހަަކަދެއްކުމުގެ ފުރުސަތުދީ ދެފަރާތުން އެއްބަސްވާގޮތަކަށް މައްސަލަ ސުލްޙަވެރިކަމާއެކު ނިންމުމަށް ބާރުއަޅައިގެނެވެ.

4.     "ޞުލްޙަވެރި ޙައްލު"އަކީ ކޮބާތޯ؟

ޞުލްޙަވެރި ޙައްލަކީ ޤާނޫނީ އިމުގެ ތެރެއިން ދެފަރާތް އެއްބަސްވާގޮތުގެ މަތީން މައްސަލަ ވަކިގޮތަށް ޙައްލުކުރުމަށް ދެފަރާތުންވެސް އެއްބަސްވުމެވެ.

5.     ޞުލްޙަވެރި ޙައްލަކަށް ދިއުމުގެ ފައިދާ އަކީކޮބާތޯ؟

§         މައްސަލަ ޙައްލުކުރާނެ ގިނަގޮތްތަކަކާމެދު މަޝްވަރާކުރެވުން

§         ދެފަރާތުގެ ދެމެދުގައިހުރި މައްސަލަތައް ދަނެގަތުން

§         އެކަކުއަނެކަކު ދައްކަންޖެހޭ ވާހަކަތައް ރަނގަޅު ހަމަޖެހޭތަނެއްގައިތިބެ އަޑުއެހުމުގެ ފުރުޞަތު ދެފަރާތަށްވެސް ލިބިގެންދިއުން

§         ދެފަރާތުގައި އޮންނަގުޅުން ކެނޑިގެންނުގޮސް މައްސަލަ ޙައްލުކުރެވުން

§         ދެފަރާތުންވެސް އެއްބަސްވާ، ދެފަރާތް ހިތްހަމަޖެހޭގޮތެއްގެ މަތީން މައްސަލަ ޙައްލުވެގެންދިއުން

§         ޞުލްޙަ މަޖިލިހުގައި ދެކެވޭ ވާހަކަތަކަކީ ސިއްރުކުރެވިފައިވާ ވާހަކަތަކަކަށްވުން