ޢާއިލީ މައްސަލަތައް ޙައްލުކުރުން

ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޞުލްޙައަށް އެދި ހުށަހަޅާ މައްސަލަތަކާއި ވަރިވުމަށް ނުވަތަ ވަރިކުރުމަށް އެދި ހުށަހަޅާ މައްސަލަތައް، ޢާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބަޔަށް ހުށަހެޅޭނެއެވެ.

މައްސަލައިގައި ހިމެނޭ ފަރާތްތައް ޙާޟިރުކޮށް ހުށަހެޅިފައިވާ މައްސަލައިގައި ދެފަރާތަށް ޤާނޫނީ ގޮތުން ލިބިދޭ ފުރުޞަތުތަކާއި ޙައްޤުތަކުގެ މަޢުލޫމާތު ވީވަރަކުން ދެފަރާތަށް ޤާނޫނީ ގޮތުން ލިބިދޭނެ މަގު ފަހިކޮށްދެވޭނެއެވެ.

ދެމަފިރިންގެ މެދުގައި ޞުލްޙަކުރުމަށްޓަކައި ދެފަރާތުގެ ޢާއިލާގެ މެމްބަރެއް ނުވަތަ ގާތްމީހެއް ޙާޟިރުކުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ކޯޓަށް ފެންނަ ޙާލަތްތަކުގައި އެފަދަ ފަރާތެއް ޞުލްޙަކުރުމުގެ މަރުޙަލާގައި ޙާޟިރު ކުރެވިދާނެއެވެ.

ވަރިވުމަށް ނުވަތަ ވަރިކުރުމަށް އެދި ހުށަހަޅާ މައްސަލަތަކުގައި ދެމަފިރިންގެ މެދުގައި ޞުލްޙަކުރުމަށް ޢާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބައިން މަސައްކަތްކުރުމަށްފަހުވެސް ޞުލްޙަ ނުކުރެވިއްޖެނަމަ އަދި އެދެމީހުންގެ ކައިވެނި މަތީތިބެ ދަރިން ލިބިފައިވާނަމަ މައްސަލަ ޝަރީޢަތްކުރުމާބެހޭ ބަޔަށް ފޮނުވުމުގެ ކުރިން ދަރިންގެ މަޞްލަޙަތަށްޓަކައި ނިންމަންޖެހޭ ކަންތައްތަކުގައި ދެމަފިރިން އެއްބަސްވާ ގޮތްތަކެއް ކަނޑައެޅުމަށް މަސައްކަތްކުރަންވާނެއެވެ.

ވަރިވުމަށް ނުވަތަ ވަރިކުރުމަށް އެދި ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ޢާއިލީ މައްސަލަތައް ޙައްލުކުރުމާއިބެހޭ ބައިން ދެމަފިރިންގެ މެދުގައި ޞުލްޙަކުރުމަށް މަސައްކަތްކޮށް ޞުލްޙަނުކުރެވި ޝަރީޢަތްކުރުމާއިބެހޭ ބަޔަށް މައްސަލަ ފޮނުވާލެވޭ ޙާލަތްތަކުގައި، ދެމަފިރިން ކައުންސެލިންގ ހޯދުން އެއީ އެންމެ ރަގަޅުގޮތްކަމުގައި ޝަރީޢަތަށް ފެނިއްޖެނަމަ އެގޮތަށް ކަނޑައެޅިދާނެއެވެ.

ވަރިސާބިތު ކުރުމަށް ހުށަހެޅޭ މައްސަލަތަކުގައިވެސް އެދެމަފިރިންނަށް ދަރިން ލިބިފައިވާނަމަ ޝަރީޢަތުގެ މަޖިލީހުގައި ދަރިންގެ ކަންތަކާމެދު ވަކިގޮތަކަށް އެއްބަސް ނުވެވިއްޖެނަމަ، ވަރި ސާބިތު ކުރުމުގެ ކުރިން އެ މައްސަލައެއް ޢާއިލީ މައްސަލަތައް ޙައްލު ކުރުމާބެހޭ ބަޔަށް ފޮނުވައި ދަރިންގެ މަޞްލަޙަތަށްޓަކައި ނިންމަންޖެހޭ ކަންތައްތަކުގައި ދެފަރާތުން އެއްބަސްވާ ގޮތްތަކެއް ކަނޑައެޅުމަށް މަސައްކަތް ކުރަންވާނެއެވެ.

ދަރިންގެ މަޞްލަޙަތުގައި ނިންމަންޖެހޭ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

1. ދަރިންގެ ޚަރަދުގެ މައްސަލަ ހަމަޖެއްސުން. ދަރިންގެ ޚަރަދަށް ޤާނޫނާއި ޤަވާޢިދުގައި ކަނޑައެޅިފައިވާ މިންވަރަށްވުރެ ބޮޑު ޢަދަދެއް ހަމަޖައްސަން ބޭނުންވާނަމަ، އެކަން ދެފަރާތް އެއްބަސްވާ އެންމެ މަޞްލަޙަތު ހުރި ގޮތަކަށް ކަނޑައެޅުން.
2. ދަރިންގެ ޙަޟާނަތު ޙަވާލުކުރާނެ ފަރާތެއް ކަނޑައެޅުމާއި ކުއްޖާއަށް ޒިޔާރަތްކުރުމުގައި އެއްބަސްވާ ގޮތެއް ކަނޑައެޅުން.
3. ކުއްޖާގެ ޞިއްޙަތާއި ތަޢުލީމާއި އަދި އެހެނިހެން ޟަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ދެފަރާތުން ކުރަންޖެހޭ ކަންތައްތަކާއި އަދި ޚަރަދާއި ބެހޭ ގޮތުން އެއްބަސްވުމަކަށް ވާޞިލުވުން.
4. މިނޫންވެސް ދަރިންގެ މަޞްލަހަތުގަޔާއި ދަރިން ތަރުބިއްޔަތު ކުރުމަށްޓަކައި ނިންމަންޖެހޭ ކަމަށް ޢާއިލީ މައްސަލަތައް ޙައްލުކުރުމާއިބެހޭ ބަޔަށް  ނުވަތަ ދެމަފިރިންކުރެ މީހަކަށް ފެންނަ ކަންތައްތަކުގައި އެއްބަސްވުމަކަށް ވާޞިލްވުން.

ކުއްޖާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ޙަޟާނަތު ޙަވާލުކުރެވޭ ނުވަތަ ޒިޔާރަތްކުރުމުގެ ޙައްޤު ލިބިގެންވާ ފަރާތެއްގެ ސުލޫކުގެ ސަބަބުން ކުއްޖާއަށް ނޭދެވޭ އަސަރެއް ކޮށްފާނެކަމަށް ބެލެވޭ ޙާލަތްތަކުގައި ސީދާ އެމީހަކާއި ކުއްޖާ ޙަވާލުކުރުމުގެ ބަދަލުގައި ކުއްޖާއާއި ބައްދަލުކޮށް އުޅެވޭނެ އެހެން ގޮތެއް ކަނޑައެޅުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

އެއްވެސް ކައިވެންޏެއް ރޫޅާލުމުގެ ކުރިން ދެމަފިރިންގެ މެދުގައި ދަރިން ތިބިނަމަ އެކުދިންގެ އަންނަނިވި މަޢުލޫމާތު ކޯޓުން ހޯދާނެއެވެ.

1. ކުދިންގެ ޢުމުރާއި އުފަންދުވަސް.
2. ކުދިން މަދަރުސާއަށް ދާކަން ނުވަތަ ނޫންކަން.
3. ކުދިން މަދަރުސާއަށް ދާ ގަޑި.
4. މައްސަލަ ހުށަހެޅި ވަގުތު ކުދިން ދިރިއުޅެމުންދަނީ ކާކާއި އެކުގައިކަން.
5. ކުދިންނަކީ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންކަން ނުވަތަ ނޫންކަން.
6. ކުދިންގެ ޙަޟާނަތު ޙަވާލުކުރަން ބޭނުންވަނީ ކާކާކަން.
7. ކުއްޖާގެ ޙަޟާނަތު ޙަވާލުކުރެވޭ ފަރާތުން ދެންހުރި ފަރާތާއި ކުއްޖާއާއި ބައްދަލުކޮށްދޭން ބޭނުންވަނީ ކޮން ގޮތަކަށްކަން.
8. ކުއްޖާ ބަލާ ބެލެހެއްޓުމުގެ ކަންތައްތަކުގައި ޚަރަދު ބޭނުންވާނެ މިންވަރު.

ދެމަފިރިން ވަކިގޮތަކަށް އެއްބަސްވެއްޖެނަމަ އެ އެއްބަސްވިގޮތް ލިޔުމަކުން ކޯޓުގެ ޝަރީޢަތްކުރުމާބެހޭ ބަޔަށް އެންގޭނެއެވެ.

ޢާއިލީ މައްސަލަތައް ޙައްލުކުރުމާއިބެހޭ ބައި ގައި އެއްވެސް މައްސަލައެއްގައި ދެފަރާތުން ވަކި ގޮތަކަށް އެއްބަސްވެއްޖެނަމަ އެ އެއްބަސްވި ގޮތް ލިޔެ، އެލިޔުމުގައި ދެފަރާތުން ސޮއި ކުރަންވާނެއެވެ.

ޢާއިލީ މައްސަލަތައް ޙައްލު ކުރުމާއިބެހޭ ބަޔަށް މައްސަލައެއް ފޮނުވައިފިނަމަ އެމައްސަލައިގައި ހިމެނޭ ފަރާތްތައް ޙާޟިރުކޮށް އެ ފަރާތްތައް އެއްބަސްވާ ޞުލްޙަވެރި ގޮތަކަށް މައްސަލަ ހައްލުކުރުމަށް ޢާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބައިން މަސައްކަތްކުރާނެއެވެ.

ޢާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބަޔަށް ހުށަހެޅޭ މައްސަލައިގައި ޙައްލު ހޯދުމުގައި މަސައްކަތް ކުރާނީ ދެފަރާތުގެ މަޞްލަޙަތަށް ރިޢާޔަތްކޮށް ދެފަރާތް ހަމަހަމަވާ ގޮތެއްގެ މަތިންނެވެ.

ޢާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބަޔަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން ވަގުތީ ޢަމުރެއް ނެރެންޖެހޭކަމަށް ފެންނަ ޙާލަތްތަކުގައި އެފަދަ ޢަމުރެއް ނެރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

ޢާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބަޔަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ދަރިންގެ ޙައްޤުގައި އެއްވެސް ޢަމުރެއް ނެރެވޭނީ ކުއްޖާގެ މަޞްލަޙަތުގައި ޢަމުރެއް ނުނެރުމަށްވުރެ ނެރުން ރަގަޅުކަމުގައި ފެންނަ ޙާލަތުގައެވެ.

ޢާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބަޔަށް ހުށަހެޅޭ މައްސަލަތަކުގައި ވީ އެންމެ އަވަހަށް ގޮތެއް ނިންމުމަށް މަސައްކަތްކުރެވޭނެއެވެ. މިގޮތުން ޢާއްމު އުޞޫލެއްގެ ގޮތުން ޢާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބަޔަށް މައްސަލައެއް ހުށަހެޅޭތާ 1 (އެކެއް) މަސް ނުވަތަ 2 (ދޭއް) މަސް ތެރޭ މައްސަލައިގައި ވަކި ގޮތެއް ނިންމުމަށް މަސައްކަތްކުރެވޭނެއެވެ.

ޢާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބަޔަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ޞުލްޙަވެރި ޙައްލަކަށް ވާޞިލްވެވޭނެކަމަށް ޢާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބަޔަށް ފެންނަ މައްސަލަތައްވެސް ލަސްނުކޮށް ކޯޓުގެ ޝަރީޢަތްކުރުމާބެހޭ ބަޔަށް ފޮނުވޭނެއެވެ.

ޢާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބަޔަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އެ މައްސަލައަކީ ޙައްލުނުވެ، ނުރައްކަލަކަށް ވެދާނެ ކަމަށް ފެންނަ މައްސަލައެއްނަމަ، ލަސްނުކޮށް ކޯޓުގެ ޝަރީޢަތްކުރުމާބެހޭ ބަޔަށް ފޮނުވޭނެއެވެ.

ޢާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބައިން ހުށަހެޅިފައިވާ މައްސަލައިގައި ދެފަރާތް އެއްބަސްވެފައިވާ ކަންތައްތަކާއި، މައްސަލައިގައި ޢާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބަޔަށް ފެންނަ ލަފައެއް ޝަރީޢަތްކުރުމާބެހޭ ބަޔަށް އެންގޭނެއެވެ.

ޢާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބައިން ފޮނުވާ މައްސަލަތަކުގައި ޝަރީޢަތުން ގޮތެއް ނިންމުމުގައި ދީފައިވާ މަޢުލޫމާތާއި ލަފަޔަށް ރިޢާޔަތްކުރެވޭނެއެވެ.

ޢާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބައިން މައްސަލައިގައި ޞުލްޙަވެރި ޙައްލަކަށް ވާޞިލުނުވެވިއްޖެނަމަ މައްސަލައިގައި ގޮތެއް ނިންމާނީ ޢާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބައިން ދީފައިވާ ލަފަޔަށް ރިޢާޔަތްކޮށް ޝަރީޢަތުންނެވެ.

ޞުލްޙަ ނުވެވިގެން ޝަރީޢަތުން ގޮތެއް ނިންމާ ޙާލަތުގައި ކުދިން ތިބިނަމަ އެކުދިންނާބެހޭ ގޮތުން ގޮތެއް ނިންމުމުގައި ކުދިންގެ މަޞްލަޙަތުގައި އެންމެ ރަގަޅު ގޮތަށް ރިޢާޔަތްކުރަންވޭނެއެވެ.

ޞުލްޙަ މަޖްލިސްހިންގޭނީ މައްސަލައިގެ ޚަޞްމުންގެ ޙާޟިރުގައެވެ. ޚަޞްމުންގެ ޣައިރު ޙާޟިރުގައި އެމައްސަލައެއް ނުހިންގޭނެއެވެ. ނަމަވެސް ޞުލްޙަ މަޖްލިސް ހިންގާ ފަރާތަށް ފެނިއްޖެނަމަ އެ މައްސަލައިގެ ޚަޞްމުންނާއި އަދި ޙަކަމުންނާއި ވަކިވަކިން ބައްދަލުކުރުމަކީ ޣައިރު ޙާޟިރުގައި އެމައްސަލަ ހިންގަނީކަމަކަށް ނުބެލެވޭނެއެވެ.