ދަރިންގެ ޚަރަދު


ދަރިންގެ ޚަރަދު ހޯދައި ދެވޭނީ އެކަމަށް އެދި ޚަރަދުގެ މައްސަލަ ހުށަހަޅާ ފޯމަކުން ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ. ކުއްޖާގެ އުމުރުން 18 (އަށާރަ) އަހަރު ފުރެންދެން ކުއްޖާގެ ޚަރަދަށާއި ކުއްޖާ ބެލުމުގެ ޚަރަދަށް، އެއް ކުއްޖަކު ހުރިނަމަ، މަހަކު 2000.00ރ (ދެހާސް) ރުފިޔާ، އަދި އެއް ކުއްޖަކަށްވުރެ ގިނަ ކުދިން ތިބިނަމަ، އިތުރުވާ ކޮންމެ ކުއްޖަކަށް މަހަކު 1000.00ރ (އެއް ހާސް) ރުފިޔާ އަށްވުރެ މަދުނޫން އަދަދެއް ދޭންވާނެއެވެ.

މި ޢަދަދަށް ވުރެ އިތުރަށް ޚަރަދު ނަގައި ދެވޭނީ ޚަރަދު ދޭ ފަރާތުގެ ތަނަވަސްކަމަށާއި، ލިބޭ އާމްދަނީ އަށް ރިޢާޔަތް ކުރުމަށް ފަހު، ކުއްޖާގެ މަންމަ ނުވަތަ ކުއްޖާ ބަލަމުން ދާ ފަރާތުން އެދޭ ނަމަ، ކޯޓަށް ޚަރަދުގެ މިންވަރު އިތުރުކޮށް ދިނުމަށް ފެނިއްޖެ ނަމައެވެ.

ޚަރދުގެ ގޮތުގައި ނަގައިދެވޭ ފައިސާގެ އިތުރުން ތިރީގައި އެވާ ތަކެތި ނުވަތަ އެތަކެތީގެ ޚަރަދު އެކަށީގެންވާ ގޮތެއްގެ މަތިން ހޯދައިދެވޭނެއެވެ.

1- އަންނައުނުގެ ޚަރަދު / އަހަރަކު 3 ހެދުން
2- ކިޔަވައިދިނުމުގެ ޚަރަދު / އަހަރަކު 2 ޔުނިފޯމް، 1 ބޫޓް، ސްކޫލަށް ހޯދަން ޖެހޭ ފޮތް ފަދަ ތަކެތި
3- ބޭސްފަރުވާގެ ޚަރަދު / ބޭސްފަރުވާ އަށް ހޯދައިދެވޭނީ ސަރުކާރުގެ ބޭސްފަރުވާ ކޮށްދޭ މަރުކަޒަކުން ޚިދުމަތް ދޭ ރޭޓަކުންނެވެ.

ޚަރަދު ފައިސާ ބަރާބަރަށް ނުދައްކާނަމަ، އެ ފަރާތަކީ ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތެއްގެ ދާއިމީ ވަޒިފާ އެއް އަދާކުރާ ފަރާތެއްނަމަ  އެ ފަރާތެއްގެ މުސާރައިން ފައިސާ ކަނޑައި ދިނުމަށް ވެސް ކޯޓުގައި އެދެވި ދާނެއެވެ.

ޚަރަދު ފައިސާ ކޯޓަށް ބަލައިގަންނާނީ (ޚަރަދު ސާބިތުވި ލިޔުމާއެކު) ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު 8:30 އިން 12:00 އަށެވެ.

ޚަރަދު ފައިސާ ދޫކުރެވޭނީ ޚަރަދު ސާބިތުވި ލިޔުމާއި އައިޑީ ކާޑުގެ ފޮޓޯކޮޕީއެއް ހުށަހެޅުމުންނެވެ. ޚަރަދު ލިބޭ ފަރާތުން ބޭންކް އެކައުންޓް ތަފްސީލާއެކު ހުށަހެޅުމުން ކޮންމެ މަހަކު ވެސް އެ މީހެއްގެ ބޭންކް އެކައުންޓަށް ފައިސާ ޓްރާންސްފަރކޮށްދެވޭނެއެވެ. ޚަރަދު ފައިސާ ދޫކުރެވޭނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު 8:30 އިން 15:00 އަށެވެ.